ސްކޫލުތަކުގެ ގުރޭޑް 6-1 ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގުރޭޑް 1 އިން 6 އެއްގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.
މި ފިޔަވަޅަކީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19އިގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން އަލުން ސްކޫލްތައް ހުޅުވައި ކިޔެވުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން ބެލެނިވަރިންނާއި އާންމުން ވަނީ ސްކޫލުތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވާން ފެށުމާއެކު އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފައެވެ. އެގޮތުން ކާފިއު ހިންގުމާއި ރަށްރަށަށް ދާ މީހުންގެ ކަރަންޓީނުވުމުގެ އުސޫލު އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުން ހަފުލާތަކާއި ޕާޓީތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން މިއަދު ވަނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު