ކޮވިޑު ޖެހިގެން އެޑްމިޓް ކުރަންޖެހޭ މީހުންނަށް ހޮސްޕިޓަލުތަކުގައި ބާކީ ހުރީ 15 ވަރަކަށް އެނދު ކަމަށާއި ކޭސްތައް އިތުރުވާނަމަ މެނޭޖެއް ނުކުރެވޭނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފު ސާމްޕަލް ޕޮޒިޓިވްވާ ރޭޓް ހުރީ ވަރަށް މަތީގައި ކަމަށާއި އެގޮތުން މިހާރު ހަ ޕަސެންޓަށް އަރާފައިވާ ކަމަށެވެ. އަދި ފުލޫ ކްލިނިކުން ޕޮޒިޓިވްވާ ރޭޓް ހަތް ޕަސެންޓަށް އަރާފައިވާ ކަމަށެވެ.

"ހޮސްޕިޓަލްތަކުގައި މިހާރު ގާތްގަނޑަކަށް 15 ވަރަކަށް އެނދު ބާކީ ހުރީ، މިގޮތަށް ކޭސްތައް ގިނަވަންޏާ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ އަތޮޅު ތެރޭގައިވެސް ކޭސްތައް އިތުރުވާނަމަ މެނޭޖެއް ނުކުރެވޭނެ ކަމަށާއި ފަރުވާދިނުމަށް ދާން ތިބީ އެއް ބައެއް ކަމަށެވެ. އެހެންކަމުން މިކަން މެނޭޖުކުރެވޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންވެސް އަމަލުކޮށްގެން ކަމަށް ވިދާޅުވިއެވެ.

އާ ވޭރިއެންޓުގެ ސަބަބުން ވަރަށް ހަލުވި ކަމާއެކު ބަލި ފެތުރެމުންދާ ކަމަށާއި ހޮސްޕިޓަލްތަކުގައި މިހާރު އެންމެ ގިނަ ޅަ އުމުރު ފުރައިގެން މީހުން ކަމަށެވެ. އެހެންކަމުން ޒުވާނުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.