ކޮވިޑުގެ ބަލި މީހުން އެޑްމިޓް ކުރަން އެނދު ލިބިދާނެ ކަމަށާއި ނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ހޯދަން އުދަނގޫވާނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޭސްތައް އިތުރުވާނަމަ އެޑްމިޓް ކުރަން ދަތިވާނެ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 15 މީހުން އެޑްމިޓް ކުރަންޖެހޭއިރު ބައެއް ދުވަސް ދުވަހު 30 ޕޭޝަންޓުން ވެސް އެޑްމިޓް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ ކޭސްތައް ގިނަވާނަމަ ހުރިހާ އެންމެން އެޑްމިޓް ނުކުރެވިދާނެ ކަމަށާއި ކުދިކުދި އަލާމާތްތައް ހުންނަ ފަރާތްތަކަށް ގޭގައި ފަރުވާދޭން ޖެހިދާނެ ކަމަށެވެ. އަދި ކޭސްތައް އިތުރުވާނަމަ އެނދުގެ އަދަދު އިތުރުކުރި ނަމަވެސް އެމީހުންނަށް ފަރުވާ ދޭނެ މީހުން ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބެޑް އިތުރަށް ގެނެވިދާނެ. ހުޅުމާލެ ފެސިލިޓީއަށް ވެސް 240ގެ ބަދަލުގައި 300 ބެޑު ވެސް ޖެހިދާނެ. 350 ބެޑު ވެސް ޖެހިދާނެ. އެކަމަކު ފަރުވާދޭނެ ޑޮކްޓަރުން އަޅުގަނޑުމެން އެވަރަށް ހޯދާނީ ކޮންތާކުންތޯ؟ ޑޮކްޓަރުންނެއް ނުއެއް ލިބޭނެ އިނގޭތޯ އަދި ނަރުހުންނެއް ވެސް ނުއެއް ލިބޭނެ،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.
ކޭސްތައް އިތުރުވާނަމަ ހޮސްޕިޓަލްތަކުގައި އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ގެންދަން ޖެހިދާނެ ކަމަށާއި އެއީ އެންމެ ފުރަތަމަ ކޭސްތައް އިތުރުވި އިރު އަމަލުކުރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު