“މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ބޮލުގައި ދިދަ ދަނޑިއަކުން ޖެހި ބޯ ފަޅައިގެން ގޮސްފައިވާއިރު، އިތުރު ފުލުހެއްގެ ފައި މައްޗަށް ސައިކަލެއް ވެއްޓި، ފަޔަށް ތަދުވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފުލުހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދުގެ މުޒާހަރާގައި ބައިވެރިވިއިރު، މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭގެ ބޭނުން ކޮށްފައިވެ އެވެ. އަދި އެއްވުމުގެ ތެރެއިން އާންމުންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައި އާންމުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މުޒާހަރާގައި ފުލުހުން ހުރަސް އަޅައި، ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިން ހިމެނޭ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ނުބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު