ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރެނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ ހައްގުގައި ބާއްވާ އެއްވުންތަކާއި އިހުތިޖާޖުތަކުގައި ބައިވެރީންނަށް އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖަހައި، ހައްޔަރުކުރަމުންދާކަމީ އެ ކޯލިޝަނުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
"ޑިމޮކްރެޓިކް ނިޒާމެއްގައި ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކެއްގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާ ހިނދު، ރައީސް ސޯލިހުގެ ޅިޔަނު، މުހައްމަދު ހަމީދު ކުރާ ޣައިރު ގާނޫނީ އޯޑަރުތަކަށް ތަބާނުވުމަށް ފުލުހުންނަށް ނަސޭހަތްތެރިވަން،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ “މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި މިއަދު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ފުލުހުން ހުރަސްއަޅައި، ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިން ހިމެނޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ ރައްޔިތުންނަށް އަނިޔާކޮށްގެން މާގިނަ ދުވަހު ނުހުރެވޭނެ ކަމަށާއި އެކަން އެމްޑީޕީގެ ކުރީގެ ސަރުކާރަށް ވެގެންދިޔަ ގޮތުން ސާފުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ބަދަލު ނުކުރާނަމަ، މި ސަރުކާރުވެސް ވަރަށް އަވަހަށް ބަދަލުވެގެން ހިނގައިދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ބޭއްވި އެއްވުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގާލައިފައެވެ. އެއްވުން ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ ޕެޕާސްޕްރޭގެ ބޭނުންކޮށްފައެވެ. އަދި އެއްވުމުގެ ތެރެއިން އާންމުންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައި އާންމުންނާއި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު