ޚަބަރު

ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިމަހުގެ ތިނަކުން ފެށިގެން ވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ. އެގޮތަށް އަމަލުކުރަން އަންގާފައިވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.

ނަމަވެސް އެ އެންގުން ބާތިލުކޮށް، އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީީފަޅު އަދި ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުން އިސްތިސްނާ ބަޔަކީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެބްިއުލާންސާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް އަދި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް އެކަންޏެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ.