ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހަރުދަނާ ގޮތެއްގައި ބަލާނެ އިޖުރާއަތްތަކެއް ގާއިމުކުރުން މުހިންމު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލައި، ޝަރީއަތް ފަށާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި މައްސަލައާ ގުޅިގެންނެވެ.
މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާއި އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އިންސާފު ގާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި އެފަދަ މައްސަލަތައް ބެލުން ކަމަށެވެ. އަދި ހަރުދަނާ ގޮތެއްގައި އެފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތްތަކެއް ގާއިމުކުރެވިގެން ކަމަށް ވިދާޅުވި އެވެ.
އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އަލީ ވަހީދު އެދިވަޑައިގަތުމުން ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލުމުން ހަމަ އެދުވަހު އަލީ ވަހީދު ވަނީ ފުރައިފަ އެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާއަށް ޖާމިނުވީ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ އިއްޔެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު