ކޮވިޑު ކޭސްތައް އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި ކޮވިޑު ކޭސްތައް އިތުރުވާނަމަ އުނދަގޫ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަންޖެހޭ ކަމަށާއި ނޫންނަމަ ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވެ، ހަރުކަށި އަދި އުނދަގޫ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތަށް ގޮސްދާނެ ކަމަށެވެ.

"ފިޔަވަޅުތަކަށް ތަބާނުވެވޭނަމަ އުނދަގޫ އަދި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިދާނެ" ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑު ކޭސްތައް އިތުރުވާނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާއިރު ފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި އެވްރެޖު ގޮތެއްގައި ރާއްޖެއިން ދުވާލަކު 100 ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓް މިހާރު އެބައުޅެ އެވެ. އާ ވޭރިއަންޓާ އެކު ކޮވިޑުގެ ނަންބަރުތައް އިތުރުވުމުން މާލޭ ސަރަހައްދުގައި މިހާރު ވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ވަކި ގަޑިތަކެއްގައި ކާފިއު ހިންގަން ފަށައިފަ އެވެ.