އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ހިތަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ފަސް ރަށަކުން މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ހިތަދޫ، މަރަދޫފޭދޫ، ފޭދޫ، ގދ. ތިނަދޫގެ އިތުރުން މާލެއިންނެވެ. އެގޮތުން އެ ކްލަސްޓާއާ ގުޅިގެން ހިތަދޫން 15 މީހުން ޕޮޒިޓިވްވެފައިވާ އިރު، ތިނަދޫން ޕޮޒިޓިވްވީ ތިން މީހުންނެވެ. ފޭދޫން ހަތް މީހަކު، މަރަދޫ ފޭދޫން ހަތަރު މީހަކު އަދި މާލެއިން ވެސް އެ ކްލަސްޓާއިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓުންގެ އަދަދު 336 އަށް އަރައެވެ. އޭގެ ތެރޭގައި ހައިރިސްކް 100 މީހުންނާއި ބަލީގެ އަލާމާތްތައް ހުރި 69 މީހުން ހިމެނެއެވެ.

ހިތަދޫ ކްލަސްޓާއިން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.