ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާ ވެސް ކޮށްފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކަ ދޮގުކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ހާޒިރުކުރި ހަބީރެއްގެ ގޮތުގައި ކަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝާން ޔޫސުފް ހާޒިރުކުރި ކަމަށެވެ.
އަދި ކޯޓުގައި މެޑިކަލް ލިޔުންތަކުގައި ސީރިއަސް މައިބަދައިގެ ޑިސްކު މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި އަދި އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖޭން އެ ސާޖަރީ ހެދުން އޮތް ނަމަވެސް، އައިޖީއެމްއެޗުގައި އާލާތްތައް ވެސް ނެތުމާއެކު ރާއްޖެއިން ސާޖަރީ ހަދަން ރެކޮމެންޑް ނުކުރާނެ ކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، ޑޮކްޓަރުގެ ބަޔާނާބެހޭ ގޮތުން ދައުލަތުން ދެކެނީ ކޮން ގޮތަކަށްތޯ ޝަރީއަތުން ސުވާލުކުރުމުން މީހެއްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަދިނުމަށް އިއުތިރާޒު ނުކުރާ ކަމަށް ބުނެފައިވާނެ ކަމަށެވެ.
ނަމަވެސް އެކަން ކުރުމަށް އެދުނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނުކުރުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްގެން ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި އަދުލު އިންސާފު ގާއިމުވުމުގެ ހައްގަކީ ހަމައެކަނި ދައުވާ ލިބޭ މީހާގެ ހައްގެއް ނޫން ކަމަށާއި އެއީ ދައުވާ ލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި މުޅި މުޖުތަމައުގެ ހައްގެއް ކަމަށާއި އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާންޖެހޭނީ ހަމައެކަނި ދައުވާ ލިބޭ މީހާގެ މަސްލަހަތު ބުރަވާ ގޮތަކަށް ނޫން ކަމަށް ވެސް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭނައަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށާއި އަދި މީގެ ކުރިން ޝަރީއަތަށް ފިލާފައިނުވާނެ ކަމަށް އަލީ ވަހީދު ދެއްކެވި ވާހަކަތަކުގެ ޖަވާބުގައި ޕީޖީ އޮފީހުން ބުނީ، އަލީ ވަހީދަކީ މީގެ ކުރިން ވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިއުމަށް ފަހު އެނބުރި ނައިސް ހުރި މީހެއް ކަމާއި ޕާސްޕޯޓު ދޫކޮށްފިނަމަ ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލައި، މައްސަލައިގެ ޝަރީއަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ބުނެފައިވާނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، މީހަކު ޖާމިނުކޮށް ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒު ކުރަނީ ކީއްވެތޯ ޝަރީއަތުން ސުވާލުކުރުމުން ވަކި މުއްދަތަކަށް ޝަރުތުކޮށް ޕާސްޕޯޓު ދޫކުރިކަމުގައި ވިޔަސް، އަލީ ވަހީދު ރާއްޖޭން ފުރާ ހިސާބުން ފެށިގެން އެ އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށާއި މީހަކު ޖާމިނުކުރިކަމުގައި ވިޔަސް، އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭ ކަމެމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ.
އެހެންކަމުން ޖާމިނުކޮށް، ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒު ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެން ނަމަވެސް ކޯޓުން އިއްޔެ ނިންމީ އަލީ ވަހީދަކީ އެހެން ރެކޯޑެއް ވެސް އޮތް މީހަކަށް ނުވާތީ އާއި ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި މީހަކު ޖާމިނުކުރުމަށްފަހު ހަތަރު މަހަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ.
ޕީޖީ އޮފީހުން ބުނީ، އެގޮތަށް ޝަރީއަތުން ނިންމެވުމާ ގުޅިގެން ޖާމިނު ކުރެވެނީ އެކަށީގެންވާ މީހެއްތޯ ކަށަވަރުކުރުމަށް ދައުލަތުން އެދޭ ކަމަށް ދެންނެވުމުން ޖާމިނުކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލުކުރުމުން އެއީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށެވެ.
ނަމަވެސް އެދުވަހު ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިޔުންތައް ހިއްސާކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، އެދުވަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދޭ ކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މި އޮފީހުން ކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު