މިއަދުން ފެށިގެން ކޮވިޑް-19 ވެކްސިން އިސްލާމީ މަރުކަޒުގައިވެސް ދެމުން ގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އުމުރުން 55 އަހަރުން މަތީގެ އެންމެނަށް މިއަދު ވެކްސިން ދޭނެ ކަމަށާއި އަދި 45 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ މީހުންނަށްވެސް މިއަދު ވެކްސިން ޖެހޭނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގައި މިހާރުން ފެށިގެން މިއަދު ހަވީރު 5:00 ޖަހަންދެން ވެކްސިން ދެމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަން އަށް ބުނީ އިސްލާމީ މަރުކަޒުގައި ވެކްސިން ދޭން ނިންމާފައިވަނީ ވެކްސިން ޖަހަން އަންނަ މީހުން އިތުރުވަމުންދާތީ ކަމަށެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރު އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
އިއްޔެ އާއި ހަމަޔަށް 20،000 އަށް ވުރެ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
އިއްޔެ ވަނީ ރާއްޖެއަށް އިތުރު 5000 ޑޯޒްގެ ވެކްސިން ގެނެސްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ގެނެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އިއްޔެ ސަރުކާރުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު