ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 500 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ޓޫރިޒަމް ދާއިރާގެ ފްރަންޓްލައިނުގައި މަސައްކަތްކުރާ 562 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިންދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ކައިރިން ފްރަންޓްލައިންގައި މަސައްކަތްކުރާ 5000 މުވައްޒަފުންނަށް ވެކްސިން ދިނުމަށް 10,000 ޑޯޒު ހަމަޖެހިފައިވާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި 5000 މުވައްޒަފުންނަށް ވެކްސިން ދިން ކަމުގައިވީ ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށް, ދެވަނަ ޑޯޒު ޖެހުމުގެ ކުރިން އިތުރު ވެކްސިން ޝިޕްމަންޓެއް ލިބި, އިތުރު މުވައްޒަފުންނަށް ޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިނަކީ ވެސް އޮކްފޯޑާއި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެސްޓްރަޒެނެކާ އަދި ކޮވިޝީލްޑް ވެސް އުފައްދަނީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. އެސްޓްރަޒެނެކާ ވެކްސިނަށް މިރޭ ވަނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން އިން ހުއްދަދީފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެގޮތުން މިއަދުގެ ނިޔަލަށް 20،161 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އަދި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 3،190 މީހަކަށް ވެކްސިން ދީފައިވެއެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
މިއަދު ވަނީ ރާއްޖެއަށް އިތުރު 5000 ޑޯޒްގެ ވެކްސިން ގެނެސްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ގެނެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު