ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ސަރުކާރާ އެއްކޮޅު ބައެއް އެކްޓިވިސްޓުން ގެންދަނީ އަބްދުއްރަހީމް ހިމެނޭހެން އިދިކޮޅުގެ އިސްވެރިން ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް ބުނެ ވާހަކަ ފަތުރަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ކޮވިޝީލްޑް ވެކްސިން ޖައްސަވައިފައެވެ.

ވެކްސިން ޖެއްސެވިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި އަބްދުއްރަހީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ވެކްސިން އަދި ނުޖައްސަވާ ކަމަށާއި ވެކްސިނާވެސް އަދި ވެކްސިން ޖެހުމާވެސް އޭނާ ދެކޮޅު ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ޖެހުމާ ދެކޮޅު ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާ އިރު، ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީފައިވާ ވެކްސިނެއް ނޫންކަމަށް ބުނެ އިދިކޮޅުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިރޭ ޑަބްލިޔުއެޗްއޯ އިން ވަނީ އެ ވެކްސިނަށް ހުއްދަ ދީފައެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ވަނީ އޭގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ވަނީ އެ ވެކްސިން ޖަހައިފައެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.

މިއަދު ވަނީ ރާއްޖެއަށް އިތުރު 5000 ޑޯޒްގެ ވެކްސިން ގެނެސްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ގެނެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ.