ގއ. މާމެންދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ރޭ ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހަަކު ހައްޔަރުކޮށްފައިވާ ކަަމަަށެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައިވަނީ މާރާމާރީ ހިނގި ރޭގައި ކަމަށާއި އެމީހުންގެ ބަންދުގެ މުއްދަތުވެސް ޖަހާފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީއާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް 15 ދުވަސް ޖަހާފައިވާ އިރު، އަނެއް މީހާގެ ބަންދަށް ޖަހާފައިވަނީ ދިހަ ދުވަހެވެ.

މާމެންދޫގައި ހިންގި ގުރޫޕް މާރާމާރީގައި 17 އަހަރުގެ ކުޑަކުއްޖަކު މަރުވެފައިވާ އިރު، އޭނާގެ ބޭބެއަށް ހަމަލާދިނުމުގެ ސަބަބުން ހާލު ސީރިއަސްވެ އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި އޭނާގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފައެވެ.