މިއަދު އިތުރު 5000 ވެކްސިން ޑޯޒް ރާއްޖެއަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ހޯދައި ސެކުއާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުވެސް 5،000 ވެކްސިން ރާއްޖެއަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ވިދާޅެއް ނުވެއެވެ.

"އަޅުގަނޑު ހަނދާން ވަނީ މިއަދު އިތުރު 5،000 ވެކްސިނެއް ރާއްޖެ އައިސްފައިވާ ކަމަށް. އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްއީއޯސީން ދޭނީ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިތުރު ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި މަސް ނިމުމުގެ ކުރިން ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެ ގެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން ބުނީ ރާއްޖެއަށް ހެޔޮއެދޭ ފަރާތަކުން ޗައިނާ އިން އުފައްދާ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް 19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ގައުމުގައި ތައްޔާރުކުރި ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް އެކުލަވާލައިފައެވެ. އެ ވެކްސިން އަންނަ މާޗު މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އޭގެ އިތުރުން ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.