ދިރިއުޅުމުގެ ހާލަތުގެ ބެލުމަށް މާލޭ ސަރަހައްދުގެ 16912 ގެޔަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯހާ ވިދާޅުވީ، ހިޔާ ފްލެޓްތައް ދީފައިވާނީ ވަކިވަކިން ހުރިހާ މަރުހަލާއެއް އަލުން ބެލުމަށް ފަހު ދިރިއުޅުމުގެ ހާލަތުވެސް ގާތުން ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގެ 16،912 ގެޔަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ގްރޭޓާ މާލޭގައި ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސްގެ ތެރެއިން 16،912 މީހެއްގެ ގެއަށް ވަކިވަކިން ޒިޔާރަތްކޮށް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާނީ. ހަމައެއާއެކު އަތޮޅުތެރޭގައި ދިރިއުޅޭ 2024 މީހެއްގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާނެ،" ތޯހާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ލިބުން ކަމަށް ލިޔުން ދޫކުރި މީހުންނަށް ފްލެޓް ދޫކުރީ ދިރިއުޅުމުގެ ހާލަތު ބަލަންވާ ވަރަށް ނުބަލާ ކަމަށާއި ކުރީ ސަރުކާރުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތުން އެނގެން ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވާނީ އެންމެންގެ މެދުގައި އެއް ހަމައަކުން ކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ހާލަތު އަލުން ބެލި އިރު ފުލެޓަށް އެދުނު ފަރާތުން ފަހުން ހުށަހެޅި ހުރިހާ ކަމަކަށް ބަލާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފްލެޓްތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ އެކަނި ކަމަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަރުތު ހަމަނުވި ސަބަބު އީމެއިލްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ ކޮމިޓީގެ ފަރާތުން ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފުލެޓަށް އެދުނު ފަރާތަށް ފަސޭހަ ގަޑިއެއްގައި، އެފަރާތްތަކަށް ފަސޭހަ ދުވަހެއްގައި ކަމަށެވެ. އަދި ފްލެޓްތަކުގެ ވަގުތީ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ 8320 ޝަކުވާ ލިބިފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދާއިމީ ލިސްޓް އާންމުކޮށްފައިވާނީ ހުރިހާ ޝަކުވާއަކަށް ޖަވާބު ދިނުމަށް ފަހު،" ތޯހާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީން ރޭ ވަނީ އާންމުކޮށްފައެވެ.