ހިޔާ ފްލެޓްތައް ކުރިމަތިލާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު އަލުން ބެލި އިރު ފުލެޓަށް އެދުނު ފަރާތުން ފަހުން ހުށަހެޅި ހުރިހާ ކަމަކަށް ބަލައިފާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯހާ ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ލިބުން ކަމަށް ލިޔުން ދޫކުރި މީހުންނަށް ފްލެޓް ދޫކުރީ ދިރިއުޅުމުގެ ހާލަތު ބަލަންވާ ވަރަށް ނުބަލާ ކަމަށާއި ކުރީ ސަރުކާރުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތުން އެނގެން ނެތް ކަމަށެވެ.

ނަމަވެސް ފްލެޓްތަކުގެ މައްސަލައަކުން ބެލުމަށް ފަހު، ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށާއި ފްލެޓްތައް ދީފައިވާނީ އޭގެ އެންމެ ހައްގުވެރީންނަށް ކަމަށް ތޯހާ ވިދާޅުވިއެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވާނީ އެންމެންގެ މެދުގައި އެއް ހަމައަކުން ކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ހާލަތު އަލުން ބެލި އިރު ފުލެޓަށް އެދުނު ފަރާތުން ފަހުން ހުށަހެޅި ހުރިހާ ކަމަކަށް ބަލާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ އުސޫލެއް އެކުލަވާލައި، އެންމެންގެ މެދުގައި އެއް ހަމައަކުން އެއް އުސޫލަކުން ޕޮއިންޓް ދީފައިވާނީ،" ތޯހާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފްލެޓްތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ އެކަނި ކަމަށެވެ. އަދި ކޮމިޓީގެ ފަރާތުން ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފުލެޓަށް އެދުނު ފަރާތަށް ފަސޭހަ ގަޑިއެއްގައި، އެފަރާތްތަކަށް ފަސޭހަ ދުވަހެއްގައި ކަމަށެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ބަލާ ފޯމުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ފްލެޓް ކޮމިޓީންނާއި ފުލެޓަށް އެދުނު ފަރާތުންވެސް ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީން ރޭ ވަނީ އާންމުކޮށްފައެވެ.