ގއ. މާމެންދޫގައި ތޫނުު އެއްޗަކުން ހަމަލާދީ މަރާލި ކުޑަކުއްޖާގެ ހަށިގަނޑު މިހާރު މާލެ ގެނެސް މޯޗަރީ އަށް ލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް މުހިންމު ކަމަކަށްވާތީ އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅިގެން އޮފިސަރު ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ގެންދިޔުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ހުއދަ ނަގަން ޖެހޭ ތަންތަނުން ހުއްދަ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހަށިގަނޑު ޕޯސްޓް މޯޓަމަށް ގެންދާނެ ސީދާ ދުވަހެއް ވިދާޅުވާން ދަތި ކަމަށްވެސް ވިދާޅުވި އެވެ.

މިފަދަ މަރުގެ މައްސަލައެއްގައި ރާއްޖޭގައި މީގެ ކުރިން ޕޯސްޓް މޯޓަމް ހަދަން ނިންމާފަ އެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މި ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ނިންމާފައިވަނީ އޭނާ މަރުވީ މާރާމާރީގައި ދިން ހަމަލާތަކުގެ ސަބަބުން ކަން ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކޮށްދިނުމުގެ ބޭނުމުގަ އެވެ.

މާމެންދޫގައި ދެ ގްރޫޕްގެ ދެ މެދުގައި ހިނގި މި މާރާމާރީގައި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެފައިވާއިރު އޭނާގެ ބޭބެ އަށްވެސް ވަޅިން ހަމަލާދިނުމުގެ ސަބަބުން މިހާރުވެސް އަންނަނީ ހޮސްޕިޓަކުގައި ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.