މާލޭގައި ދިރިއުޅޭ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމާފައިވާ އިރު، އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ކުރިން 65 އަހަރުން މައްޗާއި 70 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދީފައިވާ އިރު، މިއަދު ވަނީ 50 އަހަރާއި 55 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ވެކްސިން ދޭން ފަށައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
އެ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލެ ފްލޫ ކުލިނިކު ހުރި އިމާރާތް) އިންނާއި ވިލިމާލެ ޔޫތު ސެންޓަރުންނެވެ. ސޯޝަލް ސެންޓަރާއި ހުޅުމާލެއިން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ވެކްސިން ދިނުން ކުރިއަށްގެންދާ އިރު، ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 16،251 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން 13،418 މީހަކާއި އަތޮޅުތެރެއިން 2،833 މީހެކެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރު އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު