ގއ. މާމެންދޫގައި ރޭ މާރާމާރީއެއް ހިންގައި ކުޑަކުއްޖަކު މަރާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މާމެންދޫގައި ރޭ މާރާމާރީ ހިންގައި ކުއްޖަކު މަރާލި މައްސަލައިގައި އިތުރު ދެ މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ދެމީހުންނާއެކު މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މާމެންދޫގައި މާރާމާރީ ހިންގިތާ މަގިނަ އިރުތަކެއް ނުވެ ރޭ ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ރޭ 11:00 ހާއިރު ހިންގި އެ މާރާމާރީގައި މަރުވެފައިވަނީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔުއެވެ. އޭނާ މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފައެވެ.
އުދައްޔުގެ ހަށިގަނޑު، ޕޯސްޓްމޯޓެމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާމެންދޫން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެރަށުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހައި ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ރޭވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގި ކަމަށާއި އެންމެ ފަހުން ހިންގި މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަކަށް ކަމަށްވެސް އޭނާ ބުންޏެވެ.
އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިން ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.
އެ މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގުކުރަމުން އަންނަނީ އެރަށަށް ހާއްސަ ޓީމެއް ފޮނުވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު