ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.
ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓުތައް ކެޓަގަރީ ވަކިން ވަނީ ގެޒެޓްކޮށްފައެވެ.
އަށް ކެޓަގަރީއަކުން ދާއިމީ ލިސްޓު ވަނީ އާންމުކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.
ފްލެޓް ކޮމެޓީން ބުނީ ކޮންމެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރެވިފައިވާނެ ކަމަށެވެ. އަދި މި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓުވެސް އާންމުކުރެވިފައިވާނެ ކަމަށެވެ.
"މި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށާއި 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ ނިޔަލަށް މި ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ މިންގަނޑާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާއަކަށް މިހާރު ވާނީ ލިޔުމުން ޖަވާބުދެވިފަ. މިގޮތުން މި ކެޓަގަރީތަކުގެ ދާއިމީ ލިސްޓު އެކުލަވާލެވިފައިމިވަނީ މި ކެޓަގަރީތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު،" ކޮމެޓީން ބުންޏެވެ.
ފްލެޓް ކޮމެޓީން ބުނީ މި މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލުކުރެވޭނީ އެއް ފްލެޓް ކަމަށްވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގަ ކަމަށެވެ. އަދި ދާއިމީ ލިސްޓު އިއުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ކޮމެޓީން ބުންޏެވެ.
"މި ކެޓަގަރީތަކުގެ ފޯމުތައް މި ކޮމިޓީން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓުތަކުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓުގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކުރެވިފައި ވާނެކަމުގައި ދަންނަވަން،" ކޮމެޓީން ބުންޏެވެ.
ފްލެޓް ކޮމެޓީން އިތުރަށް ބުނީ ހިޔާ މަޝްރޫއުގެ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓު ތައްޔާރުކޮށްފައިވާނީ 24 އޮގަސްޓު 2020 ގައި ޕްލޭނިން މިނިސްޓްރީން ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ނެރެފައިވާ އިއުލާނުގައި ކަނޑައަޅާފައިވާ އެލޮކޭޝަންއާ އެއްގޮތަށް ކަމަށެވެ.
ނަމަވެސް ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަވާ ފަރާތްތަކަކީ 50 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، ދާއިމީ ލިސްޓް ފައިނަލްކުރިއިރު ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓުގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވެފައިވާ ކަަމަށެވެ. އެހެންކަމުން ހިޔާ މަޝްރޫއިން ފްލެޓް އެލޮކޭޓްކުރާއިރު، އެކި ކެޓަގަރީތަކުން ބާކީވާ ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަށް އިތުރުކުރެވިފައިވާ ކަމަށް ވެސް ފްލެޓް ކޮމެޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު