ފުވައްމުލަކު ސިޓީގައި ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ދެ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ ފުވައްމުލަކުން ނަގާފައިވާ 150 ރެންޑަމް ސާމްޕަލް އިން މިހާތަނަށް ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، ކޮންޓޭކްޓް ޓްރޭސިން ހަދައި ނިމެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެ ސިޓީގައި ކޮވިޑް ރޯގާ ފެތުރިފައިވޭތޯ ބެލުމަށް މިދިޔަ އާދިއްތަ ދުވަހު ނެގުނު ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާންމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށާއި އެހެންކަމުން ފުވައްމުލަކު ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ.

ހޮސްޕިޓަލުން ބުނީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އިލްތިމާސްކުރާ ކަަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.