އައްޑޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، އެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފިއެވެ.
އައްޑޫ އިން މިހާތަނަށް 44 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހިތަދޫން 19 މީހަކާއި ހުޅުމީދޫން 25 މީހެކެވެ. މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެ ސިޓީ ފުރަބަންދުކޮށްފައިވާތީ އާއި ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އެދޭ ކަމަށެވެ.
އެގޮތުން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނީ މިރޭ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ.
މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.
އައްޑޫ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ އިރު، އައްޑޫގެ ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ އަންގައިފައެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ގާޑިޔާތަކާއި ބޯކޮށާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. އަދި އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު