އައްޑޫ ސިޓީ، ހިތަދޫ ކްލަސްޓާއާ ގުޅުންހުރި އިތުރު މީހަކު ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވް ވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ތިނަދޫން މީގެ ކުރިން ނެގި ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހާ ޕޮޒިޓިވް ވީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ތިނަދޫން ޕޮޒިޓިވް ކޭހެއް ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ލައި، ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާއިރު، ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންވެސް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ ޕޮޒިޓިވް ވީ އިއްޔެއެވެ.

ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލުން މިއަދު ބުނީ ހިތަދޫ ކްލަސްޓާއާ ގުޅިގެން އެރަށުން މީގެ ކުރިން ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން އެކަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު މިހާރު ތިނަދޫގައި ކޮވިޑްގެ އެކްޓިވް ތިން ކޭސް އެބައުޅެއެވެ.

ތިނަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފިއެވެ. އެގޮތުން އެރަށުގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ގައި ބަންދުކޮށް، ފިހާރަތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދު ކުރަން ވަނީ އަންގާފައެވެ. އަދި ކަސްރަތު ކްލާސްތަކާއި ޖިމާއި ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި ފަރުމަސްވެރިކަމާއި ކަނޑުމަސްވެރިކަމަށްވެސް ނުކުމެވޭނީ ކައުންސިލާ ވެވޭ ހާއްސަ އިގުރާރެއްގެ ދަށުންނެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވާއިރު، އެރަށުގެ ޕާކުތަކާއި ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ޓިއުޝަން އަދި ގުރުއާން ކްލާސްތައްވެސް ވަނީ ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގައިފައެވެ.