ގއ. ވިލިނގިލީގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮވިޑު ބަލި މީހަކު މިއަދު މަރުވެއްޖެ އެވެ.
މިއަދު މަރުވެފައިވަނީ ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 77 އަހަރުގެ މީހެކެވެ.
ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެމީހާއަކީ ދެއްވަދޫން ކޮވިޑު ކޭސްތަކެއް ފެނިގެން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވް ވި މީހެއް ކަމަށެވެ.
އެގޮތުން އޭނާ ވިލިނގިލި ކޮވިޑު ފެސިލިޓީއަށް ގެންދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އޭނާއަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ސްޓްރޯކެއް ޖެހި، އެނދުމަތި ވެފައިވާ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، މީގެ ތިން ދުވަސް ކުރިން ނެގި ސާމްޕަލުން ވެސް އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ފެސިލިޓީއަށް ގެންދިޔަ ގޮތަށް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކޮވިޑު ޖެހުމުގެ ސަބަބުން އޭނާގެ ފުއްޕާމެޔަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 49 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު