ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް މިރޭ އެ ކުއްޖާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

"ވަޅިން ބުރަކަށީގެ އެކި ތަންތަނަށް ހަމަލާދީފައިވޭ،" ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ބުނީ، މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 10:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ލިބުނު ޒަހަމްތަކާ ގުޅިގެން މަރުވެފައިވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

އެ މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ އިތުރު މީހެއްވެސް ޒަހަމްކޮށްލާފައިވެއެވެ. ފުލުހުން ބުނީ އެމީހާއަށްވެސް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި މަރުވި ކުއްޖާއާ ޒަހަމުވި ކުއްޖާއަކީ ދެބެންނެވެ.