"ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓު ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމަށް ދައުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި އިބްރާހީމް ނަޒީމް (މއ. އެލީޒިއަމް / ކ. މާލެ)ގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދައިދިންކަމުގެ ކުށުގެ ދައުވާ ކަމަށެވެ.
ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ ދިއްދޫ ކައުންސިލުގެ އިދާރާއިން ކަމަށްވީ ނަމަވެސް، ފަހުން ހައުސިން މިނިސްޓްރީގެ އެންގުމުގެ މަތިން ދިއްދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކައުންސިލް އިދާރާއިން މަޑުޖައްސާލައި، ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނެސްފައިވާކަން އެ މައްސަލައިގެ ތަހުގީގަށް އެނގެން އޮންނަ ކަމަށާއި މިނިސްޓްރީގެ ފަރާތުންވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި ނަޒީމް ބައިވެރިވެފައިވާކަން އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފައިވާ އިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ހިލާފަށް ކަމަށާއި އަދި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން އެ މައްސަލައިގެ ތަހުގީގަށް އެނގެން އޮންނަ ކަމަށާއި އެގޮތުން ހައުސިން ޔުނިޓްތަކުގެ ދާއިމީ ލިސްޓު އިއުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓު ހަވާލުކޮށްފައިވަނީ ނަޒީމްކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިން ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓުތައް އެޕްރޫވްކުރަނީ ނަޒީމްކަން އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ހާމަވާ ކަމަށެވެ.
މީގެއިތުރުން ދިއްދުއަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާކަން އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިން ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫން ނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓުގައި ހިމަނައި، ހައުސިން ޔުނިޓްތައް ހަވާލުކޮށްފައިވަނީ ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަހުގީގަށް އެނގެން އޮންނަ ކަމަށް އޭސީސީން ބުނެއެވެ.
"އިބްރާހީމް ނަޒީމަކީ ހއ.ދިއްދޫ ހައުސިން ޔުނިޓްތައް ދޫކުރި އިރު ހައުސިން ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިން ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަގާމެއްގައި ހުރި މީހެކެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޒީމް އޭނާގެ މަގާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭތީ، ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ..،" އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭ ލިޔުންތައް ހައުސިން މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިކަމަކީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ދޫކުރުމާ ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ އަމަލެއްކަމަށް ފާހަގަކުރެވޭތީއާއި، މިކަމުގެ ސަބަބުން ބައެއްގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާތީ، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވި ނަމަވެސް، އެ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ފެންނަ ވާހަކަ ހައުސިން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެހެން މައްސަލައެއްގައި ނަޒީމަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 އިންސައްތައަށްވާ ފައިސާ ދީފައިވަނީ އެ ކުންފުނީގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައިގައެވެ. އެ މައްސަލައިގައި އޭރު އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ނަޒީމްގެ އިތުރުން އެ ކުންފުނީގެ އޭރުގެ ތިން ބޯޑު މެމްބަރެއްގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު