އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 102 އަށް އަދި އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވި މީހުން އަދަދު 86 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 102 އަށް އަރާފައިވާ ކަމަށެވެ.
"ޖުމްލަ 102 ކޭސް ފެނިފަައިވޭ. 4 ފެބްރުއަރީގައި އެކެއް އަދި 6 ފެބްރުއަރީގައި ތިން ކޭސް ފެނިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަންގެލިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އަނަންތަރާ ކިހަވަކުން އިތުރު އަށް މީހަކު ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ. އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ސަން ޝިޔާމް އޮޅުވެލިންވެސް 12 ކޭސް މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ރެސިޑެންސް މޯލްޑިވްސްއިން ޖުމްލަ 20 ކޭސް ޕޮޒިޓިވްވި އިރު، ކޮންސްޓަންޓް މޫފުށިންވެސް ވަނީ އަށް މީހަކު ޕޮޒިޓިވްވެފައެވެ.
ފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ، ރިސޯޓުތަކުގެ އައުޓްބްރޭކްތައް ގާތުން މޮނީޓާކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު