މިދިޔަ 24 ގަޑިއިރު ތެރޭ 127 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 16،783 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 92 މީހަކާއި އަތޮޅުތެރެއިން 15 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 13 މީހަކާއި އޮޕަރޭޝަން ނުފަށާ ރިސޯޓުތަކުން ހަތް މީހެއް ކަމަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 48 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 14،604 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،117 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 207 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 55 މީހަކު ވަނީ މަރުވެފައެވެ. އެއީ 48 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.