ފޮރިން މިނިސްޓްރީ

ލަންޑަނާއި ކުއާލަލަންޕޫރުގައި ވޯޓު ފޮށްޓެއް ނުބެހެއްޓޭނެ: ފޮރިން މިނިސްޓްރީ

އިބްރާހިމް ޒަކީ

އަންނަ އޭޕްރީލް މަހުގެ 10 ގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވާއިރު، އިނގިރޭސި ވިލާތުގެ ލަންޑަން އާއި މެލޭޝިއާގެ ކުއަލަންޕޫރުގައި ވޯޓުށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވީނަމަވެސް އެ ދެ ގައުމުގައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނަށް ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖް، އަހްމަދު ސަލީމް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ހަތަރު ގައުމުގެ ތެރެއިން، އިނގިރޭސި ވިލާތާއި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ވޯޓުފޮށި ބެހެއްޓެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ.

އެއީ ކޮވިޑް 19 އާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ދެން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޭރު ގައުމު ތަކަކީ އިންޑިއާ އާއި ލަންކާ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކުއާލަލަންޕޫރުގައި ވޯޓު ލުމަށްޓަކައި 750 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އިނގިރޭސި ވިލާތުގައި 400 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ދެން އެ ދެގައުމުގައި ވޯޓު ފޮށި ނުބެހެއްޓޭ ނަމަ އެމީހުން އެހެންތަނަކަށް ވޯޓުލާން ރަޖިސްޓްރީ ކުރުުގެ ފުރުސަތު ހުޅުވައިލައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ކުއާލަލަންޕޫރުގައި ދެ ވޯޓުފޮށި އަދި އިނގިރޭސި ވިލާތުގައި އެއް ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ދެގައުމުގައި ވޯޓުފޮށި ނުބެހެއްޓޭ ގޮތް ވުމުން އެ ގެއްލެނީ ދެހާހެއްހާ މީހުންގެ ވޯޓުލުމުގެ ހައްގުކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން އެކި ފަހަރުމަތިން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިހާރު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލްމަހުގެ 10 ގައެވެ.