އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި ތިބެ، ޔަހޫދީ ވަޒަންވެރިން މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑައި، އެތަނުގެ މުގައްދަސްކަން ނަގާލުމަށް ހިންގަމުންދާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންގެ އެހީތެރިކަމާއެކު އެ ގައުމުގެ ވަޒަންވެރިން އަގްސާ މިސްކިތުގެ ސަރަހައްދަށް ވަދެގަނެ، އިޒްރޭލުގެ ދިދަ އުފުލައި، މުސްލިމުން އެތަނަށް ނަމާދަށް ވަނުމަށް ހުރަސްއަޅަމުންދާ ކަމަށެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ އިހުސާސްތަކާ ކުޅެލުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުން ހިންގާ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިއީ އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކޮށްލުމަށްޓަކައި އިޒްރޭލުން ރާވައިގެން ހިންގާ ނުރައްކާތެރި އަމަލުތަކެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މުގައްދަސް ބިނާތަކަށް އިހުތިރާމް ކުޑަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓްރީންވަނީ ގޮވާލާފައެވެ. އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު އުޅުމުގެ ހައްގު ހޯދައިދިނުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ