އދ. ގެ އާންމު މަޖިލީހުގެ އިގުތިސޯދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.
އދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އިންތިޚާބުގައި، މި މަގާމަށް ރާއްޖެ އިންތިހާބު ވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އާންމު މަޖިލީހުގެ އިގުތިސޯދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ހުސައިން އަޒްހާން މުހައްމަދު ހުސައިން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އދ. ގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖޭން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަގާމަށް ރާއްޖޭން އިންތިހާބުވުމުން ހާމަވެގެން ދަނީ އދ. ގައި ރާއްޖޭން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަގުވާމީ މުޖުތަމައިން ކުރާ އިތުބާރު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ މި މަގާމަށް އިންތިހާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގުވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ރާއްޖޭން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިގުތިސޯދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދ. ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްގީ އާއި އިގުތިސޯދީ ކުރިއެރުމާ ގުޅުން ހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ. ގެ މަސައްކަތްތައް ބައްޓަންކުރުމެވެ. ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިހުތިޔާރު ބިއުރޯއަށް ލިބިގެންވާ އިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް