ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން އަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިމާމުންނާ ބައްދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އާންމުންނަށް އިތުރަށް ނަސޭހަތްތެރިވުމަށް އިމާމުންނަށް ވަނީ އަންގާފައި ކަމަށެވެ. އެގޮތުން ހުރިހާ އެންމެންވެސް މިސްކިތަށް ދާއިރު މާސްކް އަޅައި އަދި މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރިހާ އެންމެންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވެސް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް އެޗްޕީއޭއާ ގުޅިގެން ކުރަމުން އަންނަ ކަމަށް އިމާމުންނަށް އަންގާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުމުގައި މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމް އައްޝައިހް ނަސްރުﷲ އަލީގެ އިތުރުން މިނިސްޓްރީގެ މިސްކިތްތަކާއި ބެހޭބައިގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.