ކޮވިޑަށް ފަހުން މާލޭ ސަރަހައްދުގެ ސްކޫލިތައް ހުޅުވި ފަހުންވެސް، ދަރިވަރުންގެ ހާޒިރީ ވަރަށް ރަނގަޅު ކަމަށާއި ހާޒިރީ 80 ޕަސެންޓްގައި ހިފެހެއްޓިފައި ހުންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިސަތު އަލީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝާ ރޭ ވިދާޅުވީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަން ބޭނުންވާ މިންވަރު ހާމަވާ ކަމަށާއި ދަރިވަރުންގެ ހާޒިރީ ރަނގަޅު ޕަސެންޓޭޖެއްގައި ހިފެހެއްޓިގައި މިހުރީ އެހެންވެ ކަމަށެވެ.
"ދަރިވަރުންގެ ހާޒިރީ އަސްލު ވަރަށް ރަނގަޅު، މާލޭގައި ވަރަށް ހައިކޮށް މިދަނީ ކޮވިޑް ކޭސެސްވެސް. ދާއިރުވެސް ހަމަ އަޅުގަނޑުމެންގެ އެޓެންޑެސް 80 ޕަސެންޓްގައި އެބަ މެއިންޓެއިން ވޭ. އެހެންވީމަ އޭގެން ދައްކައިދެނީ ހަގީގަތުގައި ދަރިވަރުންވެސް ބެލެނިވެރިންވެސް ދަރިވަރުން ސްކޫލަށް ފޮނުވަން ބޭނުންވާ މިންވަރު،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވައިގެން ދަރިވަރުންނަށް ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ ދަރިވަރުންނާއި ބެލެނިވެރިންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންވެސް އެބަ މޮނީޓާ ކުރަން ދެހަފުތާއިން އެއް ހަފްތާ ކަހަލަ ގޮތަކަށް އަޅުގަނޑުމެން ސްކޫލުތަކަށް ގޮސް ސްކޫލުތަކުން ކިހާވަރަކަށްތޯ އެޗްޕީއޭ ގައިޑްލައިން ފޮޮލޯ ކުރަނީވެސް، ބަލާއިރު 100 ޕަސެންޓް ކޮމްލައިންސް ހަމަ ހުރިހާ ސްކޫލުތަކަކުން އެބަ އާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ލޮކްޑައުން ތެރޭގައި އެންމެ ބޮޑު ފޯކަސްއަކަށްވީ ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ކަމަށާއި އެގޮތުން ދަރިވަރުންނަށް ރައްކާތެރިކަމާއެކު ސްކޫލަށް ގޮސް ކިޔެވޭނެ ގޮތްތައް މަގުފަހި ކުރުމަށް ވަރަށް ގިނަ އެސްއޯޕީތައް ހެދިފައިވާ ކަމަށެވެ. އެ އެސްއޯޕީތައް ހެދީ އެޗްޕީއޭއާ ގުޅިގެން ކަމަށާއި ހުރިހާ ސްކޫލަށްވެސް އެތަކެތި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
"ސިއްހީ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަކަށް އެސްއޯޕީތައް ހަދާފަ ހުންނާނީ، އޭރުވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް ސްކޫލުތައް ހުޅުވިއިރު،" މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވުމާ ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާންމުން އަންނަނީ ސްކޫލްތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ސްކޫލްތައް ބަންދުކުރަން އަދި ނުވިސްނާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ޑޭ ކެއާ ސެންޓަރުތަކާއި ޕްރީސްކޫލުތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު