އައްޑޫ ސިޓީ ހިތަދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ވަން" އަށް ވިދާޅުވީ، އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތް ހުރެގެން ހިތަދޫ ފްލޫ ކްލިނިކަށް ދެއްކުމުން ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ ހިތަދޫގައި ދިރިއުޅޭ މީހެއް ކަމަށާއި އަނެއް މީހާ ވެސް ދިރިއުޅެނީ އައްޑޫގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދެ މީހުން ވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައި ކަމަށެވެ.

ސޯބެ އިތުރަށް ވިދާޅުވީ، މި ދެ ކޭސްއާ ހުޅުމީދޫގެ ކޭސްތަކާ ގުޅުމެއް ނެތް ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެންނާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހުޅުމީދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.