މާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާ އިރު، މިހާރު ވަނީ 70 އަހަރުން މައްޗާއި 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ފަށައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ 55 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދިނުން މާދަމާ ފެށޭނެ ކަމަށެވެ.

އެ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލެ ފްލޫ ކުލިނިކު ހުރި އިމާރާތް) އިންނާއި ވިލިމާލެ ޔޫތު ސެންޓަރުންނެވެ. ސޯޝަލް ސެންޓަރާއި ހުޅުމާލެއިން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ވެކްސިން ދިނުން ކުރިއަށްގެންދާ އިރު، ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 4،269 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން 3،573 މީހަކާއި އަތޮޅުތެރެއިން 696 މީހެކެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.