ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 53 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 53 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 14،472 އަށް އަރާފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 137 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 110 މީހަކާއި އަތޮޅުތެރެއިން 20 މީހަކާއި ރިސޯޓުތަކުން ހަތް މީހެކެވެ.
މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.
މިދިޔަ ހޯމަ ދުވަހު ވަނީ ކޮވިޑުގެ އަދަދުތައް 200 އިން މައްޗަށް އަރައިފައެވެ. އެދުވަހު 215 މީހުން ޕޮޒިޓިވްވެފައިވާ އިރު، އެއީ ދުވާލެއްގެ މައްޗަށް ފެނުނު ރެކޯޑު އަދަދާ އެއްވަރުގެ އަދަދެކެވެ. މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 16،547 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 2،014 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 193 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 54 މީހަކު ވަނީ މަރުވެފައެވެ. އެއީ 47 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު