ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ގައުމުގައި ތައްޔާރުކުރި އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައި، ރާއްޖެއަށް އެއް ލައްކަ ވެކްސިން ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ވެކްސިން އަވަހަށް ރާއްޖެއަށް ގެނައުމަށްޓަކައި މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެއް ލައްކަ ޑޯޒަ ދިނުމަށް ނިންމާފައިވާކަން ޗައިނާ ސަފީރު މިއަދު ބައްދަލުކުރައްވައި ވިދާޅުވެފައިވާ ކަމަށެވެ. ޗައިނާއަށް ޝުކުރުއަދާކުރައްވައި ޝާހިދު ވިދާޅުވީ ވެކްސިން އަވަހަށް ރާއްޖެއަށް ލިބޭނެ ގޮތް ހެދުމަށް މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ.

ޗައިނާއިން އުފައްދާ ކޮވިޑް ވެކްސިނަކީ ސައިނޯފާމް އާއި ސައިނޯވެކް ވެކްސިނެވެ. ޗައިނާއިން ހަދިޔާކުރަނީ އޭގެ ތެރެއިން ކޮން ވެކްސިނެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ސައިނޯފާމް ވެކްސިންގެ 5000 ޑޯޒް ވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް އަދި ބޭނުން ކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

މި ވެކްސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވެކްސިނަށް ހުއްދަ ދޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. އެ ވެކްސިން މިހާރު އަންނަނީ ޗައިނާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ. ރާއްޖެއިން ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. އެ ވެކްސިން އަންނަ މާޗު މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. މި ދެ ވެކްސިންގެ އިތުރުން ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.