އިތުރު 5000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ޔުނިޓުތަކުގެ އަމަލީ މަސައްކަތް، މޭ މަހުގެ ތެރޭގައި ފެށޭނެ. މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީކޮށްފައިވާ މި ގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިތުރު 2000 ހައުސިން ޔުނިޓާއެކު މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފަށާނެ ކަމަށެވެ. އަދި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން 15 އަދި 16 ބުރީގެ 11 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިން ޔުނިޓްތަކުގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓް ހިމެނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ގުޅިގެން ހިންގާ އެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވަނީ 133 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) އެވެ. އަދި އެ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށައި ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފައިވެ އެވެ.