ގއ. މާމެންދުއަށް އުފަން އުމުރުން 25 އަހަރުގެ ސަލްމާ ނަސީރާއި އޭނާގެ ފިރިމީހާ އަދުހަމް ރަޝީދު އިންތިޒާރުކުރަމުން އައީ ސަލްމާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ތުއްތު ފުރާނަ ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔެއަށް ނޭވާލާނެ ދުވަހަކަށެވެ. ސަލްމާގެ ދެމަފިރިން އައީ އެ ދަރިފުޅު ދުނިޔެއަށް އުފަންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވަމުންނެވެ. ކޮޓަރި ޒީނަތްތެރިކޮށް، ކުއްޖާއަށް ބޭނުންވާނެ ތަކެތި ހޯދައި ހުރިހާ ތައްޔާރީއެއް ވިއެވެ. ދެ ފަރާތުގެ އާއިލާއިންވެސް ތިބީ އާއިލާއަށް އަންނަން އުޅޭ އާ މެހެމާނަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފައެވެ.

ވިހެއުމަށް ޑޮކްޓަރުން ދީފައިވާ ދުވަސްވެސް ގާތްވުމާއެކު ވިހެއުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި މިމަހުގެ ދެ ވަނަ ދުވަހު ސަލްމާ އެނދުމަތި ކުރިއެވެ. އެއިރުވެސް ސަލްމާގެ ހާލު ރަނގަޅެވެ. ބަލިވެ އިނީއްސުރެވެސް ސަލްމާއަކީ ބަރާބަރަށް ޑޮކްޓަރަށް ދައްކައި ކުރާން ޖެހޭ ސްކޭންތައް ބަރާބަރަށް ކުރަމުން އައި މީހެއް ކަމުން މާ ބޮޑު ސިއްހީ މައްސަލަތަކެއް އެއްވެސް އިރަކު ސަލްމާއަށް ކުރިމައްޗެއް ނުވެއެވެ. ވިހަން ވެއްދިއިރުވެސް ހުރިހާ ކަމެއް ބަރާބަރެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދިމާވި ބައެއް ކަންކަމުގެ ސަބަބުން ސަލްމާ ވަނީ ކުއްޖާ ވިހެއުމަށް ފަހު މިދުނިޔެއާ ވަކިވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ވަން" އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވި ގޮތުގައި ސަލްމާ މަރުވީ، އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް ސަލްމާ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް ވިދާޅެއް ނުވެއެވެ. ސަލްމާ މަރުވީ ވިހެއުމުގެ ތެރޭގައި ކަމަށްވާތީ، އާންމު އުސޫލުގެ ތެރެއިން، އެ މަރުގެ އެސެސްމަންޓްވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލްމާގެ އާއިލާގެ މެންބަރަކު "ވަން"އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ސަލްމާ މަރުވީ، ވިހެއުމުގެ ތެރޭގައި ރަހިމު ނެގުމުގެ ސަބަބުން ލޭ މަނާ ނުވެ، ލޭ ހުސްވެގެންނެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ސަލްމާގެ އެއްވެސް ތަނެއް ކަފާލިކަމަށް ޑޮކްޓަރުން ކުރީން ބުނެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ނުބުނޭ ވިހެއުމުގެ ތެރޭގައި އެއްވެސް ތަނެއް ކަފާލަން ޖެހުނު ވާހަކައެއް. ބައެއް މީހުން ވިހަން އުނދަގޫވީމަ ކުޑަކޮށް ކަފާލާ. އެކަމަކު އެހެންވެސް ނުބުނޭ. ބުނީ ބޭބީގެ ހާލު ރަނގަޅޭ. އެކަމަކު ސަލްމާ ބްލީޑްވާތީ އެކަން ނުހުއްޓެއޭ. ރަހިމު ނެގުމުންވެސް ލޭ މަނާ ނުވާކަމަށް ޑޮކްޓަރުން ބުނީ. އޭގެ ފަހުން ޑޮކްޓަރުން އުންމީދު ކަނޑާލީ" ސަލްމާގެ އާއިލާގެ މީހަކު ބުންޏެވެ.

ސަލްމާގެ ބޭބެއަކުވެސް ވަނީ ސަލްމާ މަރުވީ ލޭ ހުސްވެގެން ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި ލޭ މަނާ ނުވެގެން އޮޕަރޭޝަނެއް ކުރަން ވެސް ސަލްމާ ވެއްދި އެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރަން ވެއްދިއިރުވެސް ސަލްމާގެ ވިންދެއް ނުޖަހައެވެ. ކޮންމެވެސް ވަރަކަށް "ޕަލްސް" ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އޮޕަރޭޝަން ކުރުމަށް ވައްދާފ ތިން ފަހަރަށް ލޭ އެޅުމުންވެސް ކުރިއެރުމެއް ނުލިބުނު" ސަލްމާގެ ބޭބެ ބުންޏެވެ.

ވިހެއުމުގެ ތެރޭގައި ސަލްމާ މިދުނިޔެއާ ވަކިވެފައިވާއިރު ސަލްމާ ވިހޭ ފިރިހެން ކުއްޖާގެ ހާލު ރަނގަޅުކަމަށް އާއިލާއިން ބުންޏެވެ. ސަލްމާ މަރުވެފައިވަނީ އެ ކުއްޖާ ވިހޭތާ ދެގަޑިއިރެއްހާއިރު ފަަހުންނެވެ. ސަލްމާގެ ކުއްލި ވަކިވުމާ ގުޅިގެން އާއިލާ އަށް ލިބިފައިވަނީ ފުން ހިތާމަ އާއި ކުއްލި ސިހުމެކެވެ. ސަލްމާގެ އާއިލާގެ މީހަކު "ވަން"އަށް ބުނި ގޮތުގައި ސަލްމާ މަރުވިކަން އަދިވެސް އޭނާގެ ފިރިމީހާއަށް ގަބޫލެއް ނުކުރެވެއެވެ. ލިބުނު ފުން ހިތާމައާއެކު ސަލްމާގެ ފިރިމީހާ އަދިވެސް ހުރީ ޝޮކެއްގައެވެ.

ސަލްމާގެ ކައިވެންޏަށް ތިން އަހަރަށްހާ ދުވަސް ފަހުން ދަރިޔަކު ލިބެން އުޅޭތީ ސަލްމާ ހުރީ އުފަލުން ފޮޅިފައި ކަމަށް ސަލްމާގެ ރައްޓެއްސަކު "ވަން"އަށް ބުންޏެވެ. ނަމަވެސް ސަލްމާ ވަކިވެ ދިޔައީ ދަރިފުޅު އުރާލުމުގެ ފުރުސަތުވެސް ނުލިބި ކަމަށް އޭނާ ބުންޏެވެ.

"ވިހާ ދުވަސް ގާތްވަމުން އަންނަވަރަކަށް ސަލްމާ ހުންނަނީ ވަރަށް އެކްސައިޓްވެފަ. އަބަދުވެސް ދައްކާނެ ބޭބީގެ ވާހަކަ. ވަރަށް ބޮޑަށް ތައްޔާރުވި އަސްލު ބޭބީއެއް ލިބެންވާއިރަށް. ނަމަވެސް ވަރަށް ދެރަ. ވަކިވެ އެދިޔައީ ދަރިފުޅު އުރާލަންވެސް ނުލިބި." އަސަރާއެކު ސަލްމާގެ ރަހުމަތްތެރިޔާ "ވަން"އަށް ބުންޏެވެ.

އަލަތު ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ސަލްމާ މަރުވެފައިވާއިރު ސަލްމާއަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ދީންވެރި ހުލްގުހެޔޮ މީހެކެވެ.

"ކޮއްކޮއަކީ ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ އަހުލާގު ރަނގަޅު ކުއްޖެއް. ބަރާބަރަށް ނަމާދުވެސް ކުރާނެ. ފެމިލީގެ އެންމެންނަށްވެސް އެހީވާނެ. އަބަދުވެސް މަންމައަކީ އެންމެ ހައި ޕްރިއޯރިޓީގެ ގޮތުގައި ކޮއްކޮ ދެކޭނީ" ސަލްމާއާ ބެހޭ ގޮތުން އޭނާގެ ބޭބެ ބުންޏެވެ.

ހޮބީއެއްގެ ގޮތުގައި މޭކަޕް އާޓިސްޓެއްގެ މަސައްކަތްކުރި ސަލްމާއަކީ ދަތުރުކުރަންވެސް ލޯބި ކުރާ ޒުވާނެކެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެތައް މަންޒިލަކަށްވެސް ދަތުރު ކޮށްފައެވެ. އޭގެ ތެރޭގައި ދުބާއީ، ލަންކާ، ބެންކޮކް، އަދި މެލޭޝިއާ ހިމެނެއެވެ.

ސަލްމާގެ ކުއްލި މަރާއެކު އެތައް ބަޔަކަށް ކުއްލި ސިހުމެއް ލިބިފައިވާއިރު، ސަލްމާ ނެތުމުގެ ފަޅުކަން މިއަދު އެންމެ ބޮޑަށް ތަހައްމަލު ކުރާނީ ސަލްމާގެ ފިރިމީހާ އަދުހަމްއެވެ. ސަލްމާ ވަކިވެ އެދިޔައީ އެ ދެމަފިރިންގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ތުއްތު ފިރިހެން ކުއްޖަކު އަމާނާތެއްގެ ގޮތުގައި ހަވާލުކޮށްފައެވެ. މާތްﷲ ސަލްމާގެ ފުރާނައަށް ހެޔޮރަހްމަތްލައްވައި ސުވަރުގެ މިންވަރުކުރައްވާށި! އާމީން.