މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުން ކޮވިޑް ވެކްސިން ދިނުން މާދަމާ ފެށޭނެ ކަމަށެވެ.

އެ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލެ ފްލޫ ކުލިނިކު ހުރި އިމާރާތް) އިންނެވެ. އެ ދެ ތަނުން މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ވެކްސިން ދިނުން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 1578 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން 1309 މީހަކާއި އަތޮޅުތެރެއިން 269 މީހެކެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުންނެވެ. އަތޮޅުތެރެއިން ވެކްސިން ދެމުންދަނީ ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުންނެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.