މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނީ، މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަން އިސްމާއިލް އަފްރާހް ވިދާޅުވީ، މިސްކިތްތައް ބަންދުކުރަން މަޝްވަރާކުރާކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިއެވެ. މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އަލުން ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ނަންބަރުތައް މަތިވަމުންދާ އިރު، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރުކަށިކޮށް ރޭގަނޑުގެ ބޮޑު ބައެއްގައި މިހާރު ވަނީ ކާފިއު ހިންގަން ފަށައިފައެވެ.