ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް ސައިޑް އިފެކްޓްސްއެއް ދިމާވެގެން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިރޭ ޝާހު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ބައެއް ފަރާތްތަކުން ގައިގައި ރިއްސުމާއި ހުން އައުން ފަދަ ކަންކަން ކުރިމަތިވުމުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސީރިއަސް މައްސަލައެއް ނުވަތަ ސައިޑް އިފެކްޓްސްއެއް ކުރިމަތިވެގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

"އެއްވެސް ކަހަލަ ސީރިއަސް ސައިޑް އިފެކްޓްސްއެއް ނާދެ. އެހެންނަމަވެސް މައިނާ އިފެކްޓްސް އެބަހުރި، ވެކްސިނެއް ޖެހީމަ މައިނާ އިފެކްޓްސް އަންނާނެ. މިސާލަކަށް ގައިގައި ރިއްސުން ހުން އައުން، އެކަހަލަ މައިނާ އިފެކްޓްސް އެބަހުރި ނޯޓިސް ކުރެވިފައި. އެހެން ނަމަވެސް ސީރިއަސް ސައިޑް އިފެކްޓްސްއެއް ނާދެ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ހެދި ދިރާސާތަކުންވެސް ކޮވިޝީލްގެ ސަބަބުން ބޮޑެތި ސައިޑް އިފެކްޓްސްތަކެއް ދިމާ ނުވާ ކަމަށާއި ދިމާވާނަމަ އެ ހުރިހާ މައުލޫމާތެއްވެސް ވަގުތުން ވަގުތަށް ލިބެމުންދާނެ ކަމަށެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިން ޖެހުމުން ހުން އައިސް ވެކްސިން ޖެހި ތަނަށް ތަދުވާނެ ކަމަށެވެ. އަދި އެލާޖީއެއް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ގެ އެއް ލައްކަ ޑޯޒެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް މި ވެކްސިންގެ ދެ ޑޯޒު ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50,000 މީހުންނަށެވެ.

މިހާތަނަށް ރާއްޖޭގައި 1578 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. މިއަދުވެސް 742 މީހަކަށް ވެކްސިން ދީފައިވެއެވެ. މިހާރު ވެކްސިން ދެމުން އަންނަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކާސް އަދި 70 އަހަރުން މަތީގެ މީހުންނަށެވެ. މާދަމާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ވެކްސިން ދޭން ފެށުމަށް ވަނީ ނިންމައިފައެވެ.