ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 53 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރުފަހު 3:42ގައި އުމުރުން 70 އަހަރުގެ ދިވެއްސަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި އެއީ ރާއްޖެއިން މަރުވި 53 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑް ޖެހިގެން އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 46 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.