18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ފާރިސް މައުމޫން، މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކުގައި އެކަމުގެ ހެކި ނައްތާލަފާނެތީ، އޭނާ ހައްޔަރު ކުރުމަށް މީގެ ހަތަރު އަހަރު ކުރިން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ސައްހަ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މައްސަލައާ ގުޅިގެން ފާރިސް މައުމޫން މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައި ގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މައްސަލައާ ގުޅުން ހުރި ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއްކަމަށް ފެންނަކަމަށް ބަޔާންކޮށް އޭނާ ހައްޔަރުކުރުމަށް އަންގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނީ 17 ޖުލައި 2017 ގައެވެ.
އެ އަމުރާ ގުޅިގެން ފާރިސް ހައްޔަރުކޮށް ބަންދަށް ހަތްދުވަސް ވެސް ޖެހިއެވެ. އެ މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުގައި މައްސަލަ ކުރިއަށް ގެންދަން ރަޖިސްޓްރީ ކޮށްފައި ވަނީ 30 ޖުލައި 2017 ގައެވެ.
މީގެ އިތުރުންވެސް ހަމަ އެ މައްސަލައިގައި 19 ޖުލައި 2017 ގައިވެސް ކުރިނަލް ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް މިދިޔަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު