ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރައިލުުގެ ކުށުގައި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަން ކަނޑައަޅައިދިނުމަށް އެދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކު ޕްރޮސިކިއުޓާ ވިދާޅުވީ، ނަޖީބުގެ މަރުގެ މައްސަލައިގައި ހަނާ މެރުމަށް ކުރިމިނަލް ކޯޓުުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާ ކަމަށެވެ.

ހަނާގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ ނަޖީބު މެރިކަމަށް ހަނާ ވެފައިވާ އިއުތިރާފުގެ މައްޗަށާއި ހެއްކާއި ހެކިންގެ ހެކިބަހާއި އެހެނިހެން ގަރީނާތަަކަށް ބިނާކޮށް ކަމަށާއި އެ ހެކިތަކުން ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝުބުހެއް ނެތް މިންވަރަށް ހަނާގެ މައްޗަށް ސާބިތުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ނަޖީބު މަރާލުމުގައި ބައިވެރިވެފައިވާނެ ކަމަށާއި ނަޖީބު މަރައިލީ އެ މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ކަމަށްވާ މ. މަސްރޫރާ، އަހުމަދު މުއްރަތު ކަމަށާއި ހަނާ ކުރިކަމަކީ ނަޖީބުގެ އަތާއި އަނގަމަތީގައި ޓޭޕު އެޅުން ކަމަށާއި ނަޖީބު މެރުމަށްފަހު އެކަން ސިއްރު ކުރުމުގައި ބައިވެރިވެފައިވާކަމަށް ހަނާ އިއުތިރާފު ވެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި އެކަން ހިނގި ރޭ ނަޖީބު މ. މަސްރޫރާގެއަށް ގެންދިޔައީވެސް ހަނާކަމަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދިފާއުގައި ވަކީލަކު ބޭނުން ކުރުގެ ތަނަވަސްކަން ނެތުމުން މައްސަލަ ރައްދުވާ ހަނާއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސަވައިދެއްވައިފަ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަނާ ބައިވެރިވެފައިވަނީ މާފުށީ ޖަލުންނެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ހަނާގެ ދިފާއީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދަށު ކޯޓުގައި ޝރީއަތް ނިންމާފައިވާގޮތް ބަލާއިރު، ހަނާއަށް ގާނޫނުން ލާޒިމުކުރާ ބައެއް ހައްގުތައް ލިބިދީފައި ނުވާ ކަމަށެވެ.

އެގޮތުން ދިފާއުގައި ވަކީލަކު ބޭނުން ކުރުމުގެ ހައްގު އޮންނަކަން ޝަރީއަތުގެ މަޖިލީހުގައި ދައުވާ ރައްދުވާ ފަރާތަށް އަންގަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާއިރު ހަނާއަށް އެ ހައްގު އޮތްކަން ޝަރީއަތުގެ މަޖިލީހުގައި އަންގާފައި ނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އެ މައްސަލައިގައި ނަޖީބު މެރުމުގެ އަމަލެއް ހަނާގެ ފަރާތުން ހިންގާފައިވާކަން ސާބިތު ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ހަނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ހުކުމް އަންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ފޭރުމުގެ އަމަލު ހިންގުމަށް ނަޖީބަށް ބިރު ދައްކައި އެކި ކަންތައްތައް ހަނާ ކުރި ނަމަވެސް ގަސްތުގައި ނަޖީބު މެރުމުގެ އަމަލެއް ހަނާ ހިންގާފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހެޅުއްވި ޕީޖީގެ ވަކީލާއި ދައުވާ ރައްދުވާ ހަނާއަށް، ފަނޑިޔާރުން ވަނީ ބައެއް ސުވާލުތައް ކުރައްވައިފައެވެ. އެގޮތުން ނަޖީބުގެ މަރުގެ ހާދިސާ ހިނގި ގޮތް ތެދު ބަހުން ކިޔައިދިނުމަށް އުއްތަމަ ފަނޑިޔާރު ކުރެއްވި ސުވާލާ ގުޅިގެން ހަނާ ބުނީ އެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވަނީ ވަކީލާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުން ކުރައްވަން ހުރި ސުވާލުތައް ކުރެއްވުމަށްފަހު ވަކީލާ ވާހަކަ ދެއްކުމަށްފަހު ޖަވާބުދޭން ހަނާ އެދުނު ސުވާލުތަކަށް ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ޖަވާބު ދިނުމުގެ ފުރުސަތު ދެއްވުމަށްފަހު މިއަދު ޝަރީއަތް ވަނީ ނިންމައިލައިފައެވެ.

ނަޖީބު މަރައިލުމުގެ ކުށުގައި، ހަނާގެ އިތުރުން މުއްރަތުގެ މައްޗަށްވެސް ވަނީ މަރުގެ ހުކުމް އިއްވައިފައެވެ.

އެ މައްސަލައިގައި 19 ޖުލައި 2012 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މަސްރޫރާ ގޭގައި ހަނާ އާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާ އާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މަސްތުވާތަކެތި ގަނެފައިވާ ކަމަށެވެ.

މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު ހަނާއާއި މުއްރަތު ވަޅިން ނަޖީބަށް ހަމަލާދީ މަރާލާފައިވާކަން މުއްރަތު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ނަޖީބު ބަނުމުގައި އެހީތެރިވެފައި ވާނެކަމަށް ޝަރީއަތުގައި ހަނާ ވެފައިވާ އިއުތިރާފަށް ބަލާއިރު އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ހުކުމުގައިވެ އެވެ.

އެ ހުކުމްގައި ބުނަނީ ނަޖީބުގެ މަރުގެ ބަދަލުގައި މުއްރަތާއި ހަނާގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށް ނަޖީބުގެ ވާރިސުން ބުނެފައިވާތީ ޝަރުއީ ހަމަތަކުގެ މަތިން މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑަޅައި އިސްލާމީ ޝަރީއަތުގައިވާގޮތުން މުއްރަތާއި ހަނާ މެރުމަށް ހުކުމް ކުރީ ކަމަށެވެ.

ހުކުމް ކުރުމުގެ ކުރިން އެ މައްސަލަ ބެއްލެވި، ކުރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު ވަނީ އެ މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ޝަރީއަތަށް އިއްވަވައިފަ އެވެ.

ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ކުރި ދައުވާ ސާފުވެއްޖެ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާއި ނުލައި އަމިއްލައަށް ކަމަށް ހަނާ އާއި މުއްރަތު ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މާލީ ތަނަވަސް ކަން ނެތް ފަރާތްތަކަށް ދައުލަތުން ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާތީ އެ ފުރުސަތު ބޭނުންތޯ އެއްސެވުމުން ވެސް ދައުލަތުން ހަމަޖައްސާ ވަކީލަކު ވެސް ބޭނުން ނުވާކަމަށް އެ ދެ މީހުން ޝަރީއަތުގައި ބުނިކަމަށެވެ.

ގާޒީ ވިދާޅުވީ އެގެއަށް ދިޔުމަށް ނަޖީބަށް ދައުވަތު ދީފައި ވަނީ މުއްރަތުގެ މަންމައަށް މަސްރޫރާ ގެއިން ލިބިފައިވާ ބިން އެގޭގައި އުޅޭ އެކި މީހުން އެކި މިންވަރަށް ބޭނުންކުރަމުން ދާތީ އާއި އަދި މުއްރަތުގެ މަންމަގެ އެކައުންޓުން ފައިސާ މަދުވެފައިވާތީ އެކަަމުގައި ނަޖީބުގެ ފަރާތުން ލަފާ ހޯދުމަށް ކަމަށް މުއްރަތު ބުނެފައިވާކަމަށެވެ.

ގާޒީ ވިދާޅުވީ އެގޭގައި މުއްރަތާއި ހަނާ ދިރިއުޅޭ ކޮޓަރިއަށް ނަޖީބު ގެންދިޔުމަށް ފަހު ނަޖީބު އެގެއަށް ގެނައި ކަންކަމުގައި މުއްރަތު ނަޖީބާއި މަޝްވަރާ ކުރަމުންދަނިކޮށް ނަޖީބު މުއްރަތުގެ ވާހަކަޔަށް މާބޮޑު ސަމާލުކަމެއް ނުދީ ހަނާ އާއި ދިމާލަށް ބަލަމުން ދިޔަކަމަށް މުއްރަތު ބުނެފައިވާ ކަމަށެވެ. އަދި މުއްރަތުގެ މަންމަ އާއި ބައްދަލުކުރަން ބޭނުންވާކަމަށް ނަޖީބު ބުނުމުން އޭނާގެ މަންމަ ހޯދަން މުއްރަތު ބޭރަށް ދިޔަ ފަހަރެއްގައި، ހަނާ ކޮޓަރިން ނެރެ މުއްރަތު ސުވާލުކުރުމުން ނަޖީބުގެ އިނގިލިތަކުން ހަނާގެ ފައިގައި ކޮއްޓައި ހިފާފައިވާކަމަށް ބުނެފައިވާތީ ނަޖީބު މަރާލީ އެ ސަބަބާ ހުރެކަމަށް މުއްރަތު ބުނެފައިވާކަމަށެވެ.

ގާޒީ ވިދާޅުވީ ނަޖީބު މަރާލަން ޖެހުނީ ނަޖީބުގެ ކަންތައް ހުރިގޮތުން، އޭނާގެ ބޭނުމަކީ ހަނާއާ ގުޅުން ބަދަހިކޮށްގެން ހަނާގެ ފަރާތުން ޖިންސީ ފައިދާއެއް ހޯދުން ކަމަށް ހަނާއަށް ގަބޫލު ކުރެވުމުންނާއި އަދި އޭނާއަކީ ގާނޫނީ ވަކީލަކަށް ވާތީ އޭނާގެ އަތުގައި ފައިސާ ހުންނާނެ ކަމަށް ބަލައިގެން އެ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ހަނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

ނަޖީބު މަސްރޫރާ ގެއަށް ގެންދިޔައީ މުއްރަތުގެ މަންމަގެ އެކައުންޓުގައި ފައިސާ މަދުވެފައި ވާތީ އާއި އަދި މަސްރޫރާ ގޭގެ ބިން ބޭނުންކުރުމުގައި ދިމާވެފައިވާ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ނަޖީބުގެ ލަފާ ހޯދަން ކަމަށް މުއްރަތާއި ހަނާ ބުންޏަސް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ހުށަހެޅުމަށް އެއްވެސް މީހަކު ކައިރީ ބުނެފައި ނުވާނެކަމަށް މުއްރަތުގެ މަންމަ އަޒީޒާ ހަސަން ގާސިމް އެ މައްސަލައިގެ ތަހުގީގުގައި ބުނެފައިވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.