ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ (ޓީއޭސީ) މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ފޮރިން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން މިއަދު ވާޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޓީއޭސީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް ހުށަހެޅުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ރާއްޖެއިން ޓީއޭސީ މުއާހަދާގައި ބައިވެރިވުމުން އާސިއާންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ކަރުދާސް ހުށަހަޅައިދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޓީއޭސީ އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުއާހަދާއެކެވެ. މި މުއާހަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ގުޅުންތައް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަގުސަދުގައެވެ.

އޭގެ ތެރޭގައި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަން ޖެހޭނެއެވެ.