މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ 70 އަހަރުން މަތީގެ މީހުން ކޮވިޑް ވެކްސިން ދިނުން މާދަމާ ފެށޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި މިވަގުތު ވެކްސިން ދެމުން އަންނަނީ ހަތަރު ތަނަކުންނެވެ. އެއީ ސޯޝަލް ސެންޓަރާއި އޭޑީކޭ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ސެނެހިޔާ ހޮސްޕިޓަލެވެ.
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
އެޗްޕީއޭ އިން ބުނީ ވީހާވެސް އަވަހަކަށް ވެކްސިން ޖަހަން ރަޖިސްޓަރީވުމަށް ޕޯޓަލްގައި ރަޖިސްޓަރީވުމަށް އެދޭ ކަމަށާއި my.health.mv ގައި ރަޖިސްޓަރީކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ 1676 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ ހެނދުނެވެ. އެގޮތުން އިއްޔެ 282 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.
އިއްޔެ މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ވަނީ ވެކްސިން ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް އިއްޔެ ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު