ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓެއް އެބައުޅޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވެފައިވަނީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އާ ވޭރިއަންޓު ރާއްޖޭގައި އުޅުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހެދި ސްޓަޑީތަކުން ދައްކާގޮތުން މިހާރު އަޅުގަނޑުމެން ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ،" ޑރ. ޝީނާ ވިދާޅުވިއެވެ.

އާ ވެރިއަންޓް އުޅޭތާ ހަ ހަފްތާ ވެދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، ކޮވިޑްގެ ދެވަނަ ރާޅަށް ފަހު ދިން ލުއިތަކާއެކު ގިނަ ބަޔަކު ފަރުވާކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ފިޔަވަޅުތަކަށް އަމަލުކުރާ މީހުންގެ އަދަދު ކުރިއާ ބަލާއިރު މިހާރު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އެއިރުގައި 98 ޕަސަންޓް ކޮމްޕްލަޔަންސް އޮތޭ އެއިރުގައި. 75 ޕަސަންޓް ކޭސް ލޯޑް ދަށްވި. އަނެއްކާވެސް މި ފެންނަނީ ކޭސް ލޯޑް އިތުރުވަމުންދާ މަންޒަރު" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ވޭރިއަންޓް އުޅޭކަމަށް ވާނަމަ، ބަލި ފެތުރުން އަވަސް ވާނެ ކަމަށެވެ. އެގޮތުން ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށް ކަމަށްވި ނަމަވެސް މިހާރު އާ ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށް ވިދާޅުވިއެވެ.