ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭން ދަތުރުކުރާ މީހުން 72 ގަޑިއިރު ތެރޭ ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ވަނީ މާލެ އިން ދަތުރުކުރާ އެންމެންވެސް ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައެވެ. ނަމަވެސް ވަރަށް މުހިންމު ކަންކަމުގައި ދަތުރުކުރާ ފަރާތްތަކަށް ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެ ކުރިންވެސް ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޭސްތައް މަދުވުމާއެކު އެޗްޕީއޭ އިން ވަނީ އެ އުސޫލު އުވާލައިފައެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރުވުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުރިހާ ރަށެއްގައިވެސް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައި މިވަނީ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ސާފުވެފައިނުވާތީއެވެ. އެގޮތުން ގއ. ދެއްވަދޫން ގިނަ ބަޔަކު ޕޮޒިޓިވްވުމަށްފަހު މަސް ދުވަސް ފަހުން އެރަށް އާންމު ހާލަތަށް ގެނެސްފައިވަނީ އިއްޔެއެވެ.
މީގެ އިތުރުން މ. ކޮޅުފުށީގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެވެސް އެރަށުން ހަތް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެރަށުން ޖުމްލަ 33 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ދެ ރަށުގައިވެސް ކޮވިޑް ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއްނުވެއެވެ.